ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ޕީއެންސީގެ 68 މެންބަރުންގެ ވޯޓުންނެވެ.
ބާ ކައުންސިލުން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބިލެއް ފާސްކުރި އިރު، އެ ބިލު ހުށަހެޅި ސަބަބާއި އެ އިސްލާހުން ހާސިލުކުރަން ގަސްދުކުރާ މަގުސަދު އެންގެން ނެތް ކަމަށެވެ. ދައުލަތުގެ އެއް ބާރާ ގުޅުންހުރި ކަމެއްގައި ގާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށްފެންނަ މިދިގްރާތީ މުޖުތަމައެއްގައި އަމަލުކުރަންވާނެ ގޮތް ނޫން ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާއި ގާނޫނު އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާހުތަކެއް ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.
”ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،“ ބާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ބާ ކައުންސިލުން އިތުރަށް ބުނީ، ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމަށް ގާނޫނުއަސާސީގައި ބުނާއިރު އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، މަޖިލީހުން މިއަދު ފާސްކުރި ބިލަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއްކަމުގައި މި ކައުންސިލުން ދެކެމެވެ.
ބާ ކައުންސިލުގެ ބަޔާނުގައި ބުނީ، އެ ބިލު ދަސްދީގުނުކޮށް ބިލު އިސްލާހުކުރަން އަލުން މަޖިލީހަށް ފޮނުވުމަށް އެ ކައުންސިލުގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ.
ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާތީ ގާނޫނީ ފަންނުގެ ގާނޫނާ ހިލާފަށް ތަރުތީބުކުރެވޭ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް ވެސް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

2 Comments
ގުޅުންހުރި
ގާތްގާތުގައި ދެ ބިލެއް ފޮނުވީ ފުރިހަމައަށް ޑިސްކައުންޓް ދޭން ވެގެން: ފަހުމީ
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
މިފްކޯގެ ފުރަތަމަ ބޭރު ސީއީއޯ 3 މަސް ނުވަނީސް މަގާމުން ވަކިކޮށްފި
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރުވީ އިތުރު!
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި