މާރޗް 4, 2025

ބަންގި ގޮވުމުގެ މުބާރާތުގެ އެއްވަނަ ސުލައިމް މުހައްމަދު ލަތީފަށް

އިސްލާމިކް މިނިސްޓްރީން އަލަށް ބާއްވަން ފެށި ބަންގި ގޮވުމުގެ މުބާރާތުގެ އެއްވަނަ ސުލައިމް މުހައްމަދު ލަތީފު ހޯދައިފި އެވެ.

”ނޫރުލް އަޛާން“ގެ ނަމުގައި ބޭއްވަން ފެށި އެ މުބާރާތަކީ ރީތި ރާގުތަކަށް ސައްހަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫހު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމަށް ބާއްވަން ފެށި މުބާރާތެކެވެ.

އެ މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައިވަނީ މިރެ އެވެ. އެ ރައުންޑުގައި ހަ ބައިވެރިއަކު ވާދަކުރި އިރު، ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ހިޖާޒް ރާގަށް ބަންގިއާއި ގަމަތް ދިނުމެވެ.

މުބާރާތުގެ އެއްވަނަ ހޯދި ސުލައިމަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން 75 އިންޗީގެ ޓީވީއަކާއި ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި އެސްޓީއޯގެ ހާއްސަ އިނާމެއް ވަނީ ދީފަ އެވެ. އެ އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ދިޔަ ބައިވެރިން:

  • 2 ވަނަ: ހަމްޒާ ބިން ހަސަން
  • 3 ވަނަ: މުހައްމަދު ހަނޫން ހުސައިން
  • 4 ވަނަ: ހަނީޒް ހަނީފް
  • 5 ވަނަ: އިސްމާއިލް އިފްރާހް އިބްރާހިމް އަލީ
  • 6 ވަނަ: މާތިއު އަހުމަދު ނާޒިމް

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގެ ވަނަތަކަށް ހޮވުނު ބައިވެރިން އަންނަ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.