މިނިސްޓަރު ހައިދަރުގެ ދެމަފިރިންނަށް ވެސް ފްލެޓް ލިބުނު!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ---

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އަދި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ހައިދަރު އަހުމަދަށާއި އޭނާގެ އަނބިކަނބަލުންނަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބިއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާއިރު، ޝަރުތު ހަމަވި 1،820 މީހުންގެ ތެރޭގައި މއ. ވެނީލާގެ، އަލީ ހައިދަރު އަހުމަދާއި އޭނާގެ އަނބިކަނބަލުން މ. ޑްރީމީލައިޓް މަރިޔަމް ތައުފީގާ ހިމެނެ އެވެ.

މަރިޔަމް ތައުފީގާއަކީ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މި ސަރުކާރުން އިފުތިތާހުކުރި ގައުމިއްޔަތު ކޮލެޖުގެ އިސްވަރު ކައުންސިލުގައި ހިމެނޭ ބޭފުޅެކެވެ.

ލިސްޓުގައިވާ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ހައިދަރުގެ ދެމަފިރިންނަށް 75 ޕޮއިންޓް ލިބިފައިވެ އެވެ. ވެރިފިކޭޝަންއަށްފަހު ވެސް ލިބިފައިވަނީ ހަމަ އެވަރެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބިފައިވާއިރު، ފްލެޓް ދިނުން ހުއްޓުވައި އެ މައްސަލަ ހައުސިން މިނިސްޓްރީން އަލުން ރިވިއު ކުރި އިރު، މިނިސްޓަރަކަށް ހުންނެވީ ހައިދަރެވެ.