ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް 160 މިލިޔަން ރުފިޔާ ހަރަދުވާނެ

ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް 160 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ ރޯދަމަހަކީ ރައްޔިތުންގެ އަތުން ވަރަށް ބޮޑު ހަރަދެއް ހިނގާ މަހެއް ކަމަށާއި ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެހެން ވެގެން ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެ ކަމަށް މުއާވިޔަތު ވިދާޅުވި އެވެ.

”ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ. ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ،،،،،“ މުއާވިޔަތު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހު ވެސް ފެން ބިލާއި ކަރަންޓު ބިލުން 10 ޕަސަންޓުގެ ޑިސްކައުންޓެއް ދެއްވާނެ ކަމަށެވެ.

ސެޓެލްކޯ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީން މިހާރު ވަނީ ރޯދަމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.