ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ ފޮނުވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އޭނާ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 25 ގައެވެ. ހަމަ އެ ދުވަހުން މަޖިލީހުން ވަނީ އެ ބިލު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި ޖެހިގެން އައި ދުވަސް، ފެބްރުއަރީ 26 ވަނަ ދުވަހު ކޮމިޓީން އެ ބިލު ފާސްކޮށް ތަޅުމަށް ހުށަހަޅައި، އެ ދުވަހުން ދުވަހަށް ބިލު ފާސްކުރި އެވެ.
އެ ބިލު ފާސްކުރިތާ މިއަދަށް ދެ ހަފުތާ ވެފައިވާއިރު، ރައީސް އޮފީހުން މިރޭ ބުނީ އެ ބިލާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް އެ ބިލު ފޮނުވާލައްވާފައިވާ ކަމަށެވެ. ފޮނުވާލެއްވި ސަބަބެއް ނުބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ބުނާ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އަދި ފަހުން ޖޭއެސްސީން ވަނީ ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް ބަލަން ފަށައިފަ އެވެ.
ނަމަވެސް ޖޭއެސްސީން އެ މައްސަލަތައް ބަލަން ފަށައިފައިވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވައި ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަދި ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ތުހުމަތަށް އިންކާރުކޮށްފަ އެވެ.

1 Comment
ގުޅުންހުރި
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް