މާރޗް 14, 2025

ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑިސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.

ލިވަޕޫލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އަހަރުތަކަކަށް ދެމިގެންދާ އެ ޕާޓްނާޝިޕްގެ ދަށުން ކްލަބުގެ ފިރިހެން އަދި އަންހެން ޓީމުގެވެސް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވާނީ ރާއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ، އެ ޕާޓްނާޝިޕް ރަސްމީކޮށް އިއުލާން ކުރާނީ އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ލިވަޕޫލް އާއި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށެވެ. އެގޮތުން އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި އެ ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ލިވަޕޫލް އާއެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި100 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ލިވަޕޫލުން ބުނީ، އެ ކްލަބުގެ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހެދުން ފާހަގަކުރުމުގެ ގޮތުން މައިއެލްއެފްސީ މުބާރާތް މެދުވެރިކޮށް އެ ކްލަބުގެ ފޭނުންނަށް ރާއްޖޭގައި ފަސް ރޭ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އޮފާގެ ތެރޭގައި ފްލައިޓް ދަތުރުތަކާއި އެކޮމޮޑޭޝަންވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ރާއްޖެ އާއި ލިވަޕޫލް އާދެމެދު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން އެ ކްލަބުގެ ފޭނުންނަށް އެކްސްކުލޫސިވް ކޮންޓެންޓާއި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.