4.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކާނިވަލުގައި ހަދާ އާ ސްޓޭޖުގެ ކުރެހުން ދައްކާލައިފި

މާލެ ސީޓީގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ހަދާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން، މާލެ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.

ކާނިވާ ސަރަހައްދުގައި މިހާރު ހަދާފައިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކުރީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަން ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާ އެވެ.

އާ ސްޓޭޖްގެ ފޮޓޯ އަކާއެކު މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ކާނިވާ ސްޓޭޖް، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.