އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު އެ ލިބިފައިވާތީ އެ މައްސަލައިގެ ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެ ތަހުގީގުގެ ތެރެއިން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ނުކުރެ އެވެ.
ނަމަވެސް މިރޭގެ ވަގުތެއްގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.
.



