މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކޮށްފި އެވެ.
ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ ރޭގައެވެ.
ފުލުހުން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އާދަކުރަމުންދާ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
”އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއެކު ގެންގޮސްފައިވެ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާ އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 21 މާޗު 2025 ގައި، ޝަމްއާން ދިރިއުޅޭ އިމާރާތައް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި