އޭޕްރިލް 2, 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރު: ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ބަލި

އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ފިލިޕީންސް ކައިރިން ބަލިވެއްޖެ އެވެ.

ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފިލިޕީންސުން ރާއްޖެ ބަލިކުރީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފިލިޕީންސްގެ ނުރައްކާ ފެނިގެން ދިޔައިރު، ހަވަނަ މިނެޓުގައި ލީޑު ނެގި އެވެ. އެ ގޯލަކީ ކޯނަރެއްގައި ކުރިއަށް ޖެހި ޑިފެންޑަރު ޖެފަސަން ތަބީނާސް ޖެހި ގޯލެކެވެ.

ފިލިޕީންސްގެ ދެވަނަ ގޯލު 19 ވަނަ މިނެޓުގައި ޖެހި އިރު، މިއީ ރާއްޖޭގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، ބޯޖާން މާޓިން ކްރިސްޓެންސެން ޖެހި ގޯލެކެވެ.

މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ 65 ވަނަ މިނެޓުގަ އެވެ. އެއީ އަރިމަތިން ހުސައިން ސިފާއު (ކްރޯ) ނަގައިދިން ހުރަސް އޭރިއާ ތެރެއިން ގޯލަށް ފޮނުވާލައިގެން ރާއްޖެއަށް ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކޮށްދިން ގޯލެކެވެ.

އެ ގޯލާއެކު ރާއްޖެއިން ހިތްވަރު ހޯދި ނަމަވެސް އެ ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވެ، ފިލިޕީންސް އިން އަނެއްކާވެސް ގޯލެއް ޖަހައި ފަރަގު ބޮޑުކުރި އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ސްވިޒަލޭންޑްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ރޭންޑީ ސްނައިޑާ އެވެ.

މެޗުގައި ފިލިޕީންސް އިން ޖެހި ހަތަރު ގޯލު ފެނިގެން ދިޔައީ މެޗު ނިމިނިމި އޮއްވަ އެވެ. އެ ގޯލު ޖެހީ އުމުރުން 21 އަހަރުގެ ސާންޑްރޯ ރެޔެސްއެވެ.