އޭޕްރިލް 2, 2025

ޝަމްއާންގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓަށް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހަންކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޝަމްއާންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން ޝަމްއާނަށް ކުރަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތެވެ. އެ މައްސަލައިގެ ތުހުމަތައް ޝަމްއާން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އޭނާ ފުލުހަށް ހާޒިރުވެ ބަޔާންދީފައި ގެއަށް ދިޔަތާ 15 ވަރަކަށް މިނިޓު ތެރޭގަ އެވެ.

ކުރިމިނަލް ކޯޓުން ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފައިވަނީ މިމަހުގެ 24 ގަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިމަހު 22 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އާދަކުރަމުންދާ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

”އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއެކު ގެންގޮސްފައިވެ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާ އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.“ ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 21 މާޗު 2025 ގައި، ޝަމްއާން ދިރިއުޅޭ އިމާރާތައް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.