ފަލަސްތީނުގެ ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅުނު 15 މީހަކު ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން ހެދި ދޮގުތައް ފަޅާއެރުމުން އެއީ އެ މީހުންގެ ސިފައިންނަށް ހެދުނު ގޯހެއް ކަމަށް އިޒްރޭލުން ބުނެފި އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސަކާއި ޔޫއެންގެ ކާރަކަށް އަދި ޣައްޒާގެ ސިވިލް ޑިފެންސްގެ ފަޔާ ޓްރަކަކަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ހަމަލާ ދިނީ އެ ވެހިކަލްތަކުގައި ދަތުރުކޮށްފައި ދަނިކޮށެވެ.
އެ ވެހިކަލްތަކުގައި ތިބި މެންބަރުން ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން އެ މީހުންގެ ހަށިތައް ފޮރުވަން އެއްތަނެއްގައި ވަޅުލާފައި ހުއްޓާ ވަނީ ފެނިފަ އެވެ.
އިޒްރޭލުން އޭރު ބުނީ ހަމަލާ ދިނީ ބޮކިތައް ނިއްވާލައިގެން އަދި އިމަޖެންސީ ސިގްނަލެއް ވެސް ނެތި ދަތުރުކުރި ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބި ވެހިކަލްތަކަކަށް ކަމަށެވެ.
ނަމަވެސް އެ ހަމަލާގައި ޝަހީދުވި މީހެއްގެ ފޯނުން ނަގާފައިވާ ވީޑިއޯއަކުން އިޒްރޭލުގެ އެ ދޮގު ވަނީ ފަޅާއަރައިފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އިޒްރޭލުން ރެޑް ކްރެސެންޓާއި އެހީގެ އެހެން ބައެއް ޖަމާއަތްތަކުގެ މެންބަރުންގެ ޓީމަށް ހަމަލާ ދިނީ އިމަޖެންސީ ވެހިކަލްތައް އެނގޭ ގޮތަށް ނަން ޖަހައި އަދި އިމަޖެންސީ ސިގްނަލްތަކާއި ބޮކިތައް ރަނގަޅަށް ދިއްލައިގެން ދަތުރު ކުރަމުން ދަނިކޮށެވެ.
ހަމަލާ އަމާޒުވި ވެހިކަލެއްގައި އިން މީހަކު ނަގާފައިވާ ކަމަށް ބެލެވޭ ހަ މިނެޓު 42 ސިކުންތުގެ އެ ވީޑިއޯގައި މަގުގެ އެއް ފަރާތުގައި މަޑުކޮށްފައި އޮތް ވެހިކަލެއްގެ ކައިރިއަށް ހުއްޓާތީ ވީޑިއޯއިން ފެނެ އެވެ. އަދި ޔުނިފޯމްގައި ތިބި ދެ މީހަކު ފައިބައިގެން ވާހަކަ ދައްކާ އަޑު އިވެ އެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ބަޑީގެ އަޑުފައްގަނޑާ އެކު ވީޑިއޯ އިން މަންޒަރު ގެއްލެ އެވެ.
ނަމަވެސް ހެދި ދޮގު ފަޅާ އެރުމުން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ އެއީ އެ މީހުންނަށް ހެދުނު ގޯހެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ ވާހަކަތަކުން ރެކެންވެގެން އެ މީހުން ވަނީ އެ ވެހިކަލްތަކުގައި ތިބި ހަ މެޑިކުންނަކީ ހަމާސްއާ ގުޅުން އޮންނަ ބައެއް ކަމަށް ބުނެފަ އެވެ. އެކަމުގެ އެއްވެސް ހެއްކެއް ނުދައްކާއިރު، އެއްވެސް މެޑިކެއްގެ އަތުގައި ހަތިޔާރު ނެތް ކަމަށް އެއްބަސްވެ އެވެ.

6 Comments
ގުޅުންހުރި
ކޯރާޑިއަކާއި ވަޅިއަކުން މީހަކަށް ހަމަލާދޭން އުޅުނު 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަންކުރަނީ
ގަރާރުތަކަށް ބަހުސްކުރަން ފެނޭތޯ ބަހުސްކުރާ ގޮތަށް ގަވާއިދު ހެދުން މުހިންމު: ފަލާހު
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި