ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުނުކުރަން އަންގައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ދިފާއުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ހެކިން ހުށަހެޅުމުން އެ ހެކިން ހާޒިރުނުކޮށް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ފަނޑިޔާރު މަހާޒް މިއަދު ވަނީ ޖޭއެސްސީއަށް ހާޒިރުވެ އޭނާގެ ފަރާތުން ފާހަގަކުރަން ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ. އެއީ މައްސަލައިގެ ފައިނަލް ރިޕޯޓު ތައްޔާރުކުރުމުގެ ކުރިން ލިބިދޭ ފުރުސަތެއްގެ ދަށުން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވި ކަންތައްތަކެވެ.
ފަނޑިޔާރު މަހާޒްގެ ވަކީލު މުހައްމަދު ފައިސަލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށެވެ. އަޑުއެހުންތައް ނިންމާލި އިރު ފަނޑިޔާރު މަހާޒްގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުކޮށް ސުވާލުކޮށްފައިނުވާ ކަމަށާއި އޭގެ ބަދަލުގައި އެ ހެއްކާމެދު މައްސަލަ ބަލާ ކޮމިޓީން ނިންމި ގޮތެއް މައްސަލައިގެ ރިޕޯޓުގައި ބަޔާންކުރާނެ ކަމަށް ޖޭއެސްސީން ބުނި ކަމަށް ވިދާޅުވި އެވެ.
”ފަނޑިޔާރު މަހާޒް ހެކީގެ ގޮތުގައި ހުށަހެޅުއްވީ އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމި ކްރިމިނަލް ކޯޓުގެ ގާޒީ. ދެން އެ ގާޒީ ހާޒިރުވެ ވިދާޅުވާންވީ ނޫންތޯ ފަނޑިޔާރު މަހާޒް ތިމަންނައަށް ގުޅުއްވިއޭ، ނުގުޅައްވައޭ، އޭރުން މިކަން ނިމުނީ،“ ފައިސަލް ވިދާޅުވި އެވެ.
މި މައްސަލައިގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ވެސް ފަނޑިޔާރު މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ދުވަހު ފައިސަލް ވިދާޅުވެފައިވަނީ އިސްމާއީލް ލަތީފް ބަންދު ނުކުރަން އަންގައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް ފަނޑިޔާރު މަހާޒު އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވެފައިވަނީ އިސްމާއިލް ލަތީފުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމީ 5 ޑިސެމްބަރު 2024 ގެ ހެނދުނު ގާތްގަނޑަކަށް 10:30 ގައި ކަމަށާއި އަމުރު ނެރުނީ 10:55 ގައި ކަމަށެވެ. ފުލުހުން އިސްމާއިލް ލަތީފު ހައްޔަރުކޮށް ބަންދަށް ހާޒިރުކުރިކަން އަދި ބަންދުން ދޫކުރިކަންވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގަތީ ހެނދުނު 11:30 ގެ ފަހުން ކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ.
މަހާޒް އޭގެ ފަހުން ވެސް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުވަތަ އެ ކޯޓުގެ މުވައްޒަފަކަށް ވެސް ގުޅުއްވާފައި ނުވާ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި