ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަޙީދު އަވަހާރަވެއްޖެ އެވެ.
މަޑުލު މުހައްމަދު ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.
މަޑުލު ވަހީދު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ހިދުމަތް ކުރައްވަމުން ގެންދެވިތާ 50 ވަރަކަށް އަހަރު ވެދާނެ އެވެ.
މަދްރަސީ ދައުރުގައިވެސް މަޑުލު ވަހީދަކީ ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭރު ވަހީދުގެ ލިޔުއްވުންތައް ފެނިގެން ގޮސްފައިވަނީ، ހޯރަފުށީ ވަހީދުގެ ނަމުންނެވެ. އޭނާ ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އިންޑިއާގައި ފުރިހަމަ ކުރެއްވި ކޯހަކާ ގުޅިގެންނެވެ. ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، ފުރަތަމަ ކުރެއްވި މަސައްކަތަކީ ބޭރުގެ އެކިއެކި ހަބަރުތައް، އެކިއެކި ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން އެ ހަބަރުތައް ލިޔުއްވުމުގެ މަސައްކަތެވެ.
އެ މަސައްކަތް ފެއްޓެވީ 1973 ވަނަ އަހަރު އެވެ. އެ މަސައްކަތުގެ ތެރެއިން އޭރު ނުކުތް ދުވަހު ނޫހެއް ކަމަށްވާ، މޫންލައިޓް އަށްވެސް ބޭރުގެ ހަބަރުތައް ލިޔުއްވުމުގެ ފުރުސަތު ލިބިވަޑައިގެން، އެ މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން ހަބަރު ލިޔުއްވުމުގެ ތަމްރީން އިންޑިއާ، އިނގިރޭސި ވިލާތް އަދި ޔޫގޯސްލޭވިއާ އިން ހޯއްދެވި އެވެ.
ހަބަރު ލިޔުމުގެ ތެރެއިން ލިބިވަޑައިގަންނަވާ ހުސްވަގުތުގައި ވަހީދު ދެން ފެއްޓެވީ ކުރުވާހަކަ ލިޔުއްވުމުގެ މަސައްކަތްތަކެވެ. މީހުން ދައްކާ އެކި ވާހަކަތަކުން ހިޔާލު ލިބިވަޑައިގެން، ކުދިކުދި ކަންތައްތައް، ކުރު ވާހަކައެއްގެ ހާދިސާއަކަށް ބަދަލުކުރައްވައިގެން ލިޔުއްވަމުން ގެންދެވި އެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރު ވާހަކަތައް، ފޮތްފޮތުގެ ގޮތުގައި ނެރުއްވަން ފެއްޓެވި އެވެ.
ވަހީދު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، އިސްލާމީ އަދަބު އަހުލާގު، ދޭހައިގެ އަތްމަތީ ފޮތް، ހަޔާތުގެ ހަދިޔާ، ހަލީސާ، ދިރިއުޅުމުގެ ރަހަތައް ހިމެނެ އެވެ. ވަހީދު ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ވާހަކަތަކުގެ ތެރޭގައި، ނުކުޅެދޭ އަސަރު، ސަކީނާގެ ހިތްދަތިކަން، އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި، ނަފްސަށްވެވޭ ހަމްދަރުދީ، މައެއްގެ އަސަރު، ފުނޑުފުނޑުވި ހުވަފެން ފަދަ ވާހަކަތައް ހިމެނެ އެވެ.
ވަހީދު ވަނީ ރާއްޖެއާ ގުޅޭ ގޮތުން އެޗްސީޕީ ބެލް އިނގިރޭސި ބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށްވެސް ތަރުޖަމާ ކުރައްވައިފަ އެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މުދައްރިސެއްގެ ގޮތުގައި ކިޔަވައިދެއްވި ވަހީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 17 ޑިސެމްބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ.
ސަރުކާރުގެ ހިދުމަތުގައި ވަހީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު، ފުރުއްވާފައިވާ އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ބޭރު ހަބަރު ލިޔާ ރިޕޯޓަރުކަމާއި އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެ އެވެ. އޭގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަގާމާއި ހާއްސަ މުޝީރު ކަމުގެ މަގާމުވެސ ހިމެނެ އެވެ.
މަޑުލު މުހައްމަދު ވަހީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އިރު، 2019 ވަނަ އަހަރު ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންނެވި އެވެ.
އަދި ހަމަ އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންނެވި އެވެ.

ގުޅުންހުރި