އިޒްރޭލު މީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އާދެވޭ ގޮތް ހަދަން އިމިގްރޭޝަނުން ހުށަހަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ---

އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި އިޒްރޭލު މީހުންނަށް ރާއްޖެއަށް އާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅައިފިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން އަދި އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒްރޭލު މީހުން ވެސް ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ އެގޮތަށް އިސްލާހު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ، އެ އިސްލާހު ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ހުށަހެޅީ ރާއްޖެ އައުމަށް އެދި އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުން އެކަނި ނުވަދެވޭނެ ގޮތަށް މީކާއިލް ހުށަހެޅުއްވި އިސްލާހު ބަދަލުކުރުމަށެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީން ރާއްޖެ އެތެރެވުމުގައި އެ މީހުންގެ ގައުމިއްޔަތު ދެނެގަތުމުގައި ބަލަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ކަމަށެވެ. ރާއްޖެ އަންނަ އެއްވެސް މީހަކީ ދެ ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއް ކަން ކަށަވަރު ކުރެވޭނެ ގޮތެއް އިމިގްރޭޝަންގައި ގާއިމުވެފައިނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީކާއީލް ހުށަހަޅުއްވާފައިވާ ގޮތަށް އިސްލާހު ފާސްކުރިޔަސް އެކަން ތަންފީޒު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.