އޭޕްރިލް 24, 2025

އިޒްރޭލުގެ ޖަންގަލީގައި އަލިފާން ރޯވެ ހަލުވިކަމާއެކު ފެތުރެނީ

އިޒްރޭލުގެ ޖަންގަލީގައި ރޯވެ ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

އަލިފާން ރޯވެފައިވަނީ ހުޅަނގު ގުދުސްގެ ބެއިތް ޝަމޭޝްގެ ޖަންގައްޔެއްގަ އެވެ.

ދަ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުން އެ އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފޯރުމުގެ ކުރިން ކޮންޓްރޯލް ކުރުމަށް އިއްޔެ އިން ފެށިގެން ރެސްކިއު ސާވިސްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޒްރޭލުގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ބުނާ ގޮތުން 71 ޓީމަކުންނާއި ހަ ފަޔާފައިޓާ މަތިންދާބޯޓު ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

އެ އަލިފާންގަނޑުގެ ސަބަބުން އިއްޔެ އިޒްރޭލުގެ ބައެއް އަވަށްތަކުން ވަނީ މީހުން ވެސް ހުސްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ދެ ފަޔާފައިޓަރަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.