އޭޕްރިލް 18، 2025 ގައި ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ’ވެއްޓުނު‘ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ހަބީބް، އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 21އ. އާ އާއިލީ ގުޅުން އޮންނާތީ އެވެ. ޒިލާލް އަކީ ޔުމްނު ފުރާޅު މައްޗަށް ’ވެއްޓުމުގެ‘ ކުރިން އޭނާ އާއެކު ހ. ފެންޓެނޯއީ ގޭގައި އުޅުނު މީހާ އެވެ.
އެނގިފައިވާ ގޮތުގައި ރައުދުއާއި ހަބީބާ ދެމެދު އާއިލީ ގުޅުން އޮންނަނީ ރައުދުގެ މަންނަ ފަރާތުންނެވެ. ރައުދު އާއެކު އާއިލީ ގުޅުން އޮންނައިރު ހަބީބު އެ ކޮމިޝަނަށް އައްޔަންކުރަން ނިންމެވި ސަބަބެއް އަދި ސާފެ ނޫނެވެ.
ޔުމްނު ’ވެއްޓުނު‘ މައްސަލައިގައި ކޮމިޝަނެއް އުފައްދަން ނިންމެވި ސަބަބެއް ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ޔުމްނުގެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށެވެ.
އެ ކޮމިޝަނަށް ރައީސް އައްޔަންކުރެއްވީ ހަބީބުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ. އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސް ކަނޑައަޅުއްވާފައިވަނީ މުނައްވަރެވެ.

ގުޅުންހުރި
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް މުއިއްޒުގެ ހިތްވަރުގަދަ ނިންމުމެއް: އަންވަރު
މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަނީ
ރާއްޖެ ވަޑައިގަތުމަށް އަންވަރަށް ރައީސް ދައުވަތު ދެއްވައިފި
ރާއްޖެއާއި މެލޭޝިއާއާއި ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަސް އެއްބަސްވުމެއްގައި
މެލޭޝިއާއިން، ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް