އޭޕްރިލް 30, 2025

ރައުދުގެ ބަންދަށް 10 ދުވަސް ޖަހައިފި

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން އޭނާއާއެކު އެ ރޭ އުޅުނު ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.