މެއި 12, 2025

 ކޮމިޝަން މެންބަރުންނަށް 15،000 ރުފިޔާގެ އެލަވަންސެއް ދެނީ

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ މެންބަރުންނަށް 5،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ކޮންމެ މަހަކު ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުން:1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން

3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

5- އާމިނަތު އީނާސް، ހ. ހަބަރުގެ

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ، އެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދަކީ މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކޮމިޝަންގެ މަސައްކަތްތަކަށް އެ ދެ ބޭފުޅުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެ ދެބޭފުޅުން ސަރުކާރުގެ ރަސްމީ މަގާމުން ކޮމިޝަންގެ މަސައްކަތަށް ވީއްލީ ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް ވަޒީފާގެ ހައިސިއްޔަތަށް ލިބޭ އާމްދަނީ އުނި ނުވާ ގޮތަށް އެކަމަކު ކޮމިޝަންގައި މަސައްކަތް ކުރައްވާތީ 5،000ރ. ގެ އިނާޔަތެއް ކޮންމެ މަހަކު ދޭ ގޮތަށެވެ.

ކޮމިޝަންގައި ދެން ތިއްބެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސް އެއްވެސް ތަނެއްގައި ވަޒީފާ އަދާނުކުރައްވާތީ ދޭން ނިންމީ ކޮންމެ މަހަކު 15،000ރ. ގެ އެލަވަންސެކެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.