މެއި 9, 2025

ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ

ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއްގެ އިތުރުން އެއީ ކަށްވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ތަގުވާވެރީންނަކީ، މާތް الله ހަނދުމަކުރާމީހުންގެ މައުލޫގެ މައްޗަށެވެ.

ހުތުބާގައި ބުނީ މާތް الله ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ގާއިމުކުރުން ކަމަށެވެ. މާތް اللهއަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށް ހުތުބާގައި ބުންޏެވެ. އަޅާގެ އަމަލުތަކުގެ ތެރެއިން، ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށް ހުތުބާގައި ބުންޏެވެ.

”ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، ޢަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.“ ހުތުބާގައި ބުންޏެވެ.

الله ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ގުރްއާނަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާހިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމަށް ހުތުބާގައި ބުންޏެވެ. މާތް اﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމުކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝް އަމަލުތައް ކަމަށް ހުތުބާގައި ބުންޏެވެ.

”ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝު އަމަލުތަކެވެ. މި އަމަލުތަކަކީ ޝައިތާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެވެ“ ހުތުބާގައި ބުންޏެވެ.

ބިރުވެރިކަންބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި އެއީ اﷲގެ ޙަޟުރަތަށް މީސްތަކުން ހާޒިރުކޮށް ހިސާބު ބައްލަވާ ދުވަސް ކަމަށް ހުތުބާގައި ބުންޏެވެ. ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށް ހުތުބާގައި ބުންޏެވެ.

ދުންޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށް ޓަކައި، ކުރެވޭން އޮތް ކޮންމެ ކަމެއް ކުރާއިރު ބައެއް އިންސާނުން، އަދާވާތްތެރީންގެ ހަމަލާތަކާއި، މަރު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ، ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅެމުންދާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި މި ފަދަ ކިއްލާތަކުގައި ބިންގަރާސް ހަދައިގެން ވެސް ދިރިއުޅެނީ ރައްކާތެރިކަން ލިބޭނޭކަމަށް އުންމީދުކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ. މި ވަރަށް ގާޑުކޮށް ރައްކާތެރިކޮށްފައިވާ ތަންތާނގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް، ޖިފުޓިތަކުގައި ދިރިއުޅޭ މީހުންކަމަށް ވިޔަސް، މަރު އައިސް އެބައިމީހުންނާ ބައްދަލުކުރާ ހިނދު، ހެދޭނެ ހަމަ އެއް ގޮތެއް ވެސް ނޯންނާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ދެވިދާނެ ކަމަށާއި ނަމަވެސް އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ކީރިތި ގުރްއާނާއި، ކީރިތި ރަސޫލާގެ ސައްހަ ހަދީސްތަކުގެ އަލީގައި ކަމަށް ހުތުބާގައި ބުންޏެވެ.

”ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނަ އިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެކެވެ. އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެކެވެ.“ ހުތުބާގައި ބުންޏެެވެ.

ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައްކުރުން މަތީ ގާއިމުވެތިބުމަށް ގޮވައިލާ ކަމަށް ހުތުބާގައި ބުންޏެވެ.

ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ