މެއި 12, 2025

ރާއްޖޭގެ 16 ޕަސަންޓް ކުދިން ކިޔަވަން ނުދޭ، ދެ ޕަސަންޓް ކުދިން އުޅެނީ ބެލެނިވެރިޔަކު ނެތި

ރާއްޖޭގައި 16 ޕަސަންޓް ކުދިން އެއްވެސް ކަހަލަ ތައުލީމެއް އަދި ތަމްރީނެއް ހޯދަމުންނުދާ ކަމަށާއި ދެ ޕަސަންޓް ކުދިންނަކީ ބެލެނިވެރިޔަކާ ނުލާ ދިރިއުޅެމުންދާ ކުދިން ކަމަށް ތަފާސްހިސާބުގައި ބުނެފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެމްބީއެސްއިން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން ކުޑަކުދިންގެ އާބާދީއަކީ 131،154 އެވެ. އެއީ މުޅި އާބާދީގެ 21.8 ޕަސަންޓް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 62،758 އަންހެން ކުދިންނާއި 68،396 ފިރިހެން ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ތަފާސްހިސާބަށް ހަވާލާދީ އެމްބީއެސްއިން އާންމުކުރި ތަފާސްހިސާބުގައި ބުނީ ކުޑަކުދިންގެ އާބާދީގެ 74 ޕަސެންޓް ކުދިންގެ ދިރިއުޅެނީ މައިންބަފައިންނާ އެކުގަ އެވެ. އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގަ އެވެ.

ކުދިންގެ ތައުލީމީ ކަންކަމާ ގުޅިގެން އެމްބީއެސްއިން ބުނީ ރާއްޖޭގައި 99،300 ކުދިން ކިޔަވަންދާ ކަމަށެވެ. ތަފާސްހިސާބުގައިވާ ގޮތުން ޕްރައިމަރީ އަދި ސާނަވީ ތައުލީމުގައި ފިރިހެން ކުދިން ގިނައެވެ. ނަމަވެސް މަތީ ސާނަވީ ތައުލީމުގައި ގިނައީ އަންހެން ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

ތަފާސްހިސާބުގައި އިތުރަށްވާ ގޮތުން ގާތްގަނޑަކަށް 16 ޕަސަންޓް ކުދިންނަކީ ކިޔަވަން ނުދާ، މަސައްކަތުގައި ހަރަކާތްތެރި ނުވާ އަދި ތަމްރީނެއްގައި ވެސް ހަރަކާތްތެރިނުވާ ކުދިންނެވެ.