އިދިކޮޅު މައި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފި އެވެ.
ޝާހިދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ މައުލޫމާތު އެސްޖީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމް ފަހަތަށްދާ ކަމުގެ ކަންބޮޑުވުމާއި ސަރުކާރުން ޝަރުއީ ދާއިރާއަށް ދެމުންގެންދާ ހަމަލާތަކުގެ ވާހަކަ އެސްޖީގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޗެކްސް އެންޑް ބެލެންސަސް ގެއްލުވާލުމާއި މިނިވަން މުއައްސަސާތަކުގެ އިތުރުން މީޑިއާގެ މިނިވަންކަން ގެއްލުވާލައިފައިކަން އެސްޖީގެ ސަމާލު ކަމަށް ގެނެސްފައި ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
”ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކެރިގެން ތެދުވެ ތިބި ޒުވާނުންގެ ހިތްވަރުގެ ވާހަކަ ވެސް އަޅުގަނޑު ހިއްސާކުރިން،“ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު، ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރެއްވިއިރު އެ ޖަމިއްޔާގެ ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅައިގެންނުވާނެ ކަމަށެވެ.ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި
ފަނޑިޔާރުންގެ މައްސަލަ އޮއްވައި ޖުޑިޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފި
މަހާޒް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒު ފޯރުވުން!
ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި