މެއި 17, 2025

65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލަމުން

ރައީސް ޑރ. މުހައްމަދު މުއިިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލުމަށް މަސައްކަތް ކުރަމުން ކަމަށާއ މި ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގައި އިއްޔެ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާ ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށާއި އެ ދޮގުތައް ހެދީ މީހުން ބައިބައިކުރަން ކަމަށެވެ.

އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތް ކަމަށާއި ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް އެއްބަސްވުންތަކެއް ކަމަށް މި ސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި މައްސަލަ ވެސް ސަމިޓުގައި ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އަޅާފައިވާ ކަމަށެވެ އަދި އެ މައްސަލަ ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، އެ ކޯޓަށް ރައީސް މުއިއްޒު ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ހިންގީ ގާނޫނާއި ހިލާފު ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައި ކަމަށާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ރައީސް މުއިއްޒުގެ ޕަޕެޓުން ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދުގެ އިތުރަށް ވިދާޅުވީ މިހާރު އޮތް އާ ދިވެހިރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުއީ ނިޒާމު ބޮއްސުންލާފައިވާ ގައުމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށާއި އެމްޑީޕީ މަޑުން ނޯންނާނެ ކަމަށާއި އެމްޑީޕީން އޮތީ ޑިމޮކްރަސީގައި ފަހަތަށް ދާތީ އެކަމާ ހިތާމަކުރަން ނޫން ކަމަށާއި އެކަން ބަދަލުކުރަން ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓް ކޮށްގެން އުޅޭ އެއްޗެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތް ކޮށްގެން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ ދިވެހިންނާއެކު ތިބުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ މަންދޫބުންނަށް ޝާހިދު ގޮވާލެއްވި އެވެ.

އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށާއި ތެދު ހަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައާއި ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ޝާހިދު ގޮވާލެއްވި އެވެ.

ޝާހިދުގެ ވާހަކަ ނިންމާލެއްވީ ސަރުކާރުގެ ހުދުމުހުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖޭގައި ފޮހެވިގެން ދިޔަ ނުދޭނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.