މެއި 17, 2025

ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް 25 އަހަރުގެ ޖަލު ހުކުމެއް

ކިރިތި ރަސޫލާ މުހައްމަދު (ސއވ) އަށް މަލާމާތްކޮށް ފުރައްސާރަކޮށް ފޮތް ލިޔުނު ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާއަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ 12 އޮގަސްޓް 2022 ގައި ނިއު ޔޯކްގެ ޗައުޓައުކުއާ އިންސްޓިޓިއުޝަންގައި ތަގުރީރެއް ދޭން އުޅެނިކޮށެވެ. އެ ހަމަލާގައި އޭނާގެ އެއް ލޮލުގެ ފެނުމާއި އެއް އަތް ބޭނުން ކުރުމުން ވަނީ މަހުރޫމުވެފަ އެވެ.

އެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ވަނީ އެމެރިކާއަށް އުފަން ހާދީ މަތާރު، 27އ ގެ މައްށެވެ. އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސަލްމާން ރުޝްދީ މަރާލަން އުޅުނުކަމުގެ ދައުވާ ސާބިތުވުމުންނެވެ.

އިންޑިއާ ދަރިކޮޅުގެ މީހެއްކަމަށްވާ ސަލްމާން ރުޝްދީ ކިރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިވަނީ 1989 ވަނަ އަހަރު އޭނާ ނެރުނު ވާހަކައެއްކަމަށްވާ ”ސަޓަނިކް ވާސަސް“ ގައެވެ.

އެ ވާހަކާގައި ކީރިތި ރަސޫލާ މުހައްމަދު (ސއވ) އާއި އެކަލޭގެފާތުގެ ތާހިރު އަނބި އަނބިކަނބަލުންނާ ގުޅުވައިގެން ސަލްމާން ރުޝްދީ ހަދާފައިވާ ބޮޑެތި ދޮގުތަކާއި ކޮށްފައިވާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އޭނާއާ ދެކޮޅަށް އުތުރިއަރައި އޭނާ މަރާލުމަށް ގޮވާލައި މުޒާހަރާތައްވެސް ކުރި އެވެ.