މެއި 21, 2025

އެލައިޑަށް :40 ކަސްޓަމަރުންގެ އަގުވަޒަންކޮށް ހިޔާލު ބަދަލުކޮށްލަން ހާއްސަ ހަފުލާއެއް

އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކުރަން ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

”އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް“ގެ ނަމުގައި ޖެން ހޮޓެލްގައި އިއްޔެ ބޭއްވި އެ ހަފުލާގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި އިރު، ހަފުލާގައި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކޮށްފައިވެ އެވެ.

މީގެ އިތުރުންވެސް، އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ވަނީ ކަސްޓަމަރުންނާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިޓިކަލް އިލްނެސް ކަވާ، ސައިބާ އިންޝުއަރަންސް ކަވާ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވާ ހިމެނެ އެވެ.

މި ޕްލޭންތަކާ ގުޅޭ ގޮތުން އެލައިޑުން ބުނެފައިވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭ ގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި ޕްލޭންތަކުގެ ޒަރިއްޔާ އިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއް ކަމަށް ބުންޏެވެ.

މެންދުރުގެ ކެއުމަކާއެކު އިއްޔެ ކުރިއަށް ގެންދިޔަ ހަފުލާގައި އެލައިޑުން ވަނީ ހަފުލާގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއްވެސް ހަދިޔާކޮށްފަ އެވެ.

ޖުމުލަ 150،000 ރުފިޔާގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މި ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

އޭގެ އިތުރުން ހަފުލާގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު ތިން ކަސްޓަމަރަކަށް އެލައިޑުން ވަނީ އެއް އަހަރުގެ ދުވަހުގެ ވޯލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭ ގޮތަށް) ހަދިޔާކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުވާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެ އެވެ.

އިއްޔެ ހަފުލާގައި އެލައިޑުގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ ރީބްރޭންޑްކޮށް ”އެލައިޑް ތަކާފުލް“ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ ތަކާފުލްއަށް މި އަހަރު11 އަހަރު ވަނީ ފުރިފަ އެވެ.