މެއި 22, 2025

އަލީ ހަމީދުގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދިނުމުން އާސަންދަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއް

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏެއް ކަމަށްވާ ނޯތް ކޮންސްޓްރަކްޝަން ކުންފުންޏަށް 44 މިލިއަން ރުފިޔާގެ އެޑްވާންސެއް ދިނުމުން އާސަންދައަށް 40 މިލިއަން ރުފިޔާއަށް ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އަލީ ހަމީދުގެ އެ ކުންފުންޏަށް އެޑްވާންސަށް ދިން 44 މިލިއަން ރުފިޔާއަކީ ހަ ބުރީގެ ހޮސްޕިޓަލެއް ހެދުމަށް ދިން ފައިސާ އެވެ. އެ ފައިސާާ އާސަންދައިން އެ ކުންފުންޏަށް ދީފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ. އަލީ ހަމީދުގެ ކުންފުންޏަށް އެ  އެ ޕްރޮޖެކްޓުން ން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކުރި އެވެ.

ހަ ބުރީގެ ހޮސްޕިޓަލް ނިންމުމަށް އާސަންދައިން، އަލީ ހަމީދުގެ ކުންފުންޏަށް ދީފައިވަނީ 15 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ނުދާތީއާއި ޖޫން 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދައިން ވަނީ އެ ޕްރޮޖެކްޓުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އާސަންދައިން ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ސަބަބުން ކުންފުންޏަށް ގެއްލުނު ލިބުނު ކަމަށް ބުނެ ކުރީ ސަރުކާރުގެ ދުވަސްވަރު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކުރިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިމަހުގެ 15 ވަނަ ދުވަހު އާންމުކުރި މިދިޔަ އަހަރުގެ އާސަންދައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަލީ ހަމީދުގެ ކުންފުންޏަށް ފައިސާ ދިނުމުގެ ސަބަބުން ވަނީ އާސަންދަށް ވަނީ 44 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާ އާސަންދައިން ދޫކުރީ ހުޅުމާލޭގައި 10 ބުރީގެ ހޮސްޕިޓަލެއް ހެދުމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މަސައްކަތް ފެށިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.  އެ މައްސަލަ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބެލި އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 470 ޕަސެންޓުގެ ގެއްލުމެއް ވެފަ އެވެ. އާސަންދަ ކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއަކީ ހަތް މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.