ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތުގައި ރާއްޖެ ހިމެނުމުން އެނގިގެންދަނީ ރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
އެ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އާއި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ދިވެހި ހައްޖުވެރިންނަށް ތާރީހީ އުފާވެރި ދުވަހެއް ކަމަށާއި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ހައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ޕްރިންސް މުހައްމަދު ބިން ސަލްމާނަށާއި އެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރާ ސައުދީގެ ހައްޖު މިނިސްޓްރީއަށާއި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސައުދީ އިންޓީރިއާ މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސައުދީގެ ސަރުކާރުން ދިވެހި ހައްޖުވެރިންނަށް ހަމަޖައްސައި ދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ކަމަށެވެ. އަދި ދިވެހި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށާއި ހައްޖުވެރިންގެ ހިދުމަތުގައި މިހާރުވެސް ދިވެހި ހައްޖު މިޝަނުން ސައުދީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަދި ހައްޖުވެރިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ މުޅި އިސްލާމީ އުއްމަތަށް އެ ގައުމުން ދެއްވަމުން ގެންދަވާ ފުރިހަމަ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭއިރު، ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.
މައްކާ ރޫޓުގެ ފުރުސަތު ސައޫދީން ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަކަށެވެ. އޭގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން އަދި ތުރުކީ ފަދަ ގައުމުތައް ހިމެނެ އެވެ.

ގުޅުންހުރި
މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
ގައުމުގެ މައްސަލަތައް ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާ އަކަށް ނުބަލާނަން:
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައި، ހަވާ އަރުވައިފި
ދިވެހި ހައްޖުވެރިންނަށް ސައުދީގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފި