ހުކުރު ވަގުތު ފްލައިޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ: އިބްރާހިމް 

ހުކުރު ވަގުތު ފްލައިޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ އެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅަން ބޭނުންވާ ކަމަށެވެ.

”2009ގައި އުފެދުނު ވެރިކަމުގެ ފަރާތުން އޭރުގައި އިޒްރޭލްގެ ގައުމީ އެއާލައިން ފުވައްމުލަކަށް ޖެއްސުމަށްޓަކައި ގެނައި ބަދަލުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ހުކުރު ގަޑިގައި ފްލައިޓު ޖެއްސޭ ގޮތަށް ބަދަލުކުރި ކުރުމުގެ ސަބަބުން، 31 ޑިޕާޓަމަންޓަކުން 2،781 މުވައްޒަފެއްގެ ހުކުރު ގެއްލިފައިވަނީ. އަދި އެކަން މިހާރު ވެސް ކޮންޓިނިއު ވެގެން މިދަނީ،“ އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

”ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް މައުމޫންގެ ވެރިކަން ނިމުމާ ހަމައަށް ރާއްޖޭގައި ހުކުރު ދުވަހު ހުކުރު ވަގުތު ފްލައިޓު އޮޕަރޭޓް ކުރުމަކީ ނުކުރާ ކަމެއްގެ ގޮތުގައި އޮތީ.“

އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ މުސްލިމް ގައުމަކަށްވާއިރު، ހުކުރު ދުވަހު ކުރާ ހުކުރު ނަމާދަކީ މުސްލިމުންނަށް އެންމެ މުހިންމު އަޅުކަން ކަމަށެވެ.