ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ

ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ހަވީރު ވަނީ ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި ވެކްސިން ވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެ ގޮތް ފަހިކޮށް ދެއްވާނެ ކަމަށެވެ.

ރައީސް ވަނީ ދިވެހީން ހައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި މި އަހަރުގެ ހައްޖުވެރިންގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަމާއި ދިވެހި ހައްޖުވެރިން މިނާގައި ތިބުންވެސް ’އަޕްގްރޭޑް’ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ގާއިމުކޮށް ދެއްވާފައިވާފައިވާތީ، އެ ހުރިހާ ކަމަކަށްޓަކައި ރައީސްގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ހައްޖާޖީންގެ ފަރާތުން ސައޫދީ ރަސްގެފާނަށާއި ވަލީއަހުދަށް އެ މަނިކުފާނު ވަނީ މިއަދުގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސައޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުހުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެ ކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއް ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.