ޖޫން 13, 2025

18 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

ރާއްޖެއަށް އެތެރެ ކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި އެވެ.

އެ މަސްތުވާތަކެއްޗަކީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި ތަކެއްޗެވެ. އެއާ ކާގޯ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފައި ކަމަށް ބުނެފައިވެ އެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ 26 މިލިއަން ދިވެހި ރުފިޔާގައި ކަމަށް ކަސްޓަމުން ބުނެފައިވެ އެވެ.

ކަސްޓަމުން ވަނީ އެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ 35 އަހަރުގެ ބަންގުލަދޭޝް މީހަކު ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ކަސްޓަމުން ވަނީ އެ މަސްތުވާތަކެތި ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މައްސަަލައިގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ އެ ބިދޭސީ މީހާއާ ގުޅުމެއް އޮތް ކަމަށް ފެނިފައިނުވާ ކަމަށެވެ.

އެހެންވެ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

”ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،“ ފުލުހުން ބުންޏެވެ.

ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފަ އެވެ.