އެމްޑީޕީން ކައުންސިލް އިންތިހާބު ހޯދާނީ ބޮޑުކޮށް، ރައީސް މުއިއްޒަށް ލިބޭނީ 20 ޕަސެންޓް: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ހޯދާނީ ބޮޑުކޮށް ކަމަށް އެ ޕާޓީއާ މިއަދު އަލުން ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރަން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ ދެ އަހަރަށްފަހު އެވެ.

ނަޝީދު ވިދާޅުވީ، މާލެ ފިޔަވައި އިގުތިސާދެއް ބިނާވެގެން އާބާދީއެއް އަށަގަންނަން އެހެން ރަށެއް ނެތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ދިވެހި ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލެ ތޮއްޖެހުން ކަމަށާއި ރާއްޖޭގެ ރަށްތައް ބިނާ ނުކޮށް ތަރައްގީއެއް ނުހޯދޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ތަސައްވަރަކީ އެމްޑީޕީގައި ބިންވަޅު ނެގިފައިވާ ކަމެއް ކަމަށާއި އެއީ ސީދާ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ.

”ލޯކަލް ކައުންސިލްގެ އިންތިހާބު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް، ބޮޑުކޮށް. ރައީސް މުއިއްޒު މިއަދު އަޅުގަނޑު ދެންނެވީމާ ހިސާބު ޖައްސަވާތި މަނިކުފާނަށް 20 ޕަސެންޓް، މި އިންތިހާބު، ކައުންސިލްގެ އިންތިހާބު، މާލޭ ސިޓީ ކައުންސިލަށް ވިޔަސް އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް ހުވަދު އަށް ވިޔަސް ފުވައްމުލައް ވިޔަސް އަދި ރާއްޖެ އިން އައްޑު އިން ކެލައަކަށް ނޫން، ތުރާކުނުން އައްޑު އަށް ކަމަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގާން ޖެހިއްޖެ،“ ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

”ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް އަޅުގަނޑުމެން ހޯދައިދޭން ޖެހިއްޖެ“