ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އިތުރު ހަތަރު ވައްޒަފެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފި އެވެ.
މި މައްސަލައިގައި ފުލުހުން ތުހުމަތުކުރަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުން، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ޕީޖީ އޮފީހުން މެއި 13, 2025 ބުނެފައިވަނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ތިން މީހެކެވެ. އެއީ؛
– ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21
– ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37
– ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47
ފުލުހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ ދައުވާ ލިބޭ ލައްސާން ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. އެހެންވެ އޭނާގެ ބައި ގެންދަނީ ވަކިން ކަމަށާއި ދައުވާ ލިވޭ އިބްރާހިމްގެ ބައި ވެސް ގެންދާނީ ވަކިން ކަަމަށް ގާޒީ ވިދާޅުވި އެވެ.
ޝަމްއާންއާއި އަލްސަންގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ނިންމި ނަމަވެސް މައްސަލައިގެ ލިޔެކިޔުންތައް އެ ދެ މީހުންނަށް ރައްދުވެފައިނުވާތީ ގާޒީ ނިންމެވީ ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ތާވަލު ކުރުމަށެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން
5 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން؟ މައްސަލަ