ސިޔާމް އާއި ޒާރާ ވަރިވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ ސިޔާމްއާ ވަރަށް އަރިސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ކަމަށްވާ މުހައްމަދު އައްބާސް އެވެ. ނަމަވެސް ކައިވެނި ރޫޅިފައިވަނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެ އެވެ.

އައްބާސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެންޏަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެންދިޔަ ކައިވެންޏެއް ކަމަށާއި ހަމަ އެފަދައިން އެ ދެފަރާތުގެ ކައިވެނި ރޫޅާލާފައިވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

އައްބާސް ވިދާޅުވީ ސިޔާމަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރި ކަމާއެކު ކަމަށާއި ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ.

ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ 10 ވަނަ ދުވަހު އެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅުނު ސީދާ ތާރީހެއް ހާމަވެފައި ނުވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޒާރާ އެ ދެ މީހުންގެ ކައިވެނީގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.