ޖުލައި 17, 2025

ކޯޓުން ހުކުމްކުރުމުން ވެސް ޕީއެސްއެމުން ރިޔާސީ އިންތިހާބުގެ ކަވަރޭޖް ސޮޕްޓްވެއާގެ ފައިސާ ނުދެއްކި

ސިވިލް ކޯޓުން ހުކުމް ކުރުމުން ވެސް ޕީއެސްއެމްއިން ރިޔާސީ އިންތިހާބުގެ ކަވަރޭޖު ސޮފްޓްވެއާގެ ފައިސާ ނުދައްކާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާތީ ސޮފްޓްވެއާ ފޯރުކޮށްދިން ކުންފުނިން ޕީއެސްއެމްއާ ދެކޮޅަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޕީއެސްއެމްއަށް އެ ސޮފްޓްވެއާ ފޯރުކޮށްދިނީ ޕޯޗުގަލްގެ ކުންފުންޏަކުންނެވެ.

އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހި ނުދައްކައިވާ 36،250 ޔޫރޯ އާއި އެގްރީމެންޓްގައި ސޮއިކުރި ފަހުން ޕީއެސްއެމް އިން އެދިގެން އެ ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގު ކަމަށްވާ 3،500 ޔޫރޯ އާއެކު ޖުމުލަ 39،750 ޔޫރޯ ޕީއެސްއެމް މީޑިއާގެ ކިބައިން ނަގައި ދިނުމަށް އެދޭ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރިވެ ޕީއެސްއެމުން ބުނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަވަރޭޖުގައި ބޭނުންކުރުމަށް ސޮފްޓްވެއާ ޑެލިވާކޮށް އެ ސޮފްޓްވެއާ އޮޕަރޭޓް ކުރުމަށް ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޕޯޗުގަލް ކުންފުންޏަށް ދައްކަންޖެހޭ ޖުމުލައިގެ 50 ޕަސެންޓަށްވާ 36،250 ޔޫރޯ ދައްކާފައިވާ ކަމަށެވެ. އެހެންވެ އެ ފަރާތުން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

އެއްބަސްވުުގެ ދަށުން ޕޯޗުގަލް ކުުންފުނިން ޕީއެސްއެމް އަށް ސޮފްޓްވެއާ ވިއްކާފައި ނުވާ ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ނަތީޖާ ތައްޔާރުކޮށް އިއުލާންކުރުމަށް 24 ގަޑިއިރަށް ބޭނުން ކުރުމަށް ކުއްޔަށް ދީފައިވާ ސޮފްޓްވެއާއެއް ކަމަށް ޕީއެސްއެމުން ބުންޏެވެ.

އަދި އެ ފެންވަރުގެ ސޮފްޓްވެއާއެއް މާކެޓުގައި ގަންނަން ލިބޭ ވަރަށްވުރެ ބޮޑު އަގުގައި، އޮޅުވާލުމެއްގެ ތެރެއިން ޕީއެސްއެމް އެއްބަސްވުމަށް ވައްދާފައިވާ ކަމަށާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަގުގެ އިތުރުން 3،500 ޔޫރީ ދިނުމަށް އެއްބަސްނުވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި ކޯޓުން ފާހަގަކޮށްފައި ވަނީ ”އޮގްމެންޓެޑް ރިއަލިޓީ“ ސޮފްޓްވެއާ ޕީއެސްއެމް އަށް ޑެލިވާކޮށް އޮޕަރޭޓް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޕޯޗްގަލް ކުންފުނިން ޕީއެސްއެމް އަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ އަގުގެ ގޮތުގައި އެއްބަސްވެފައިވާ ޖުމުލައަކީ 72،500 ޔޫރޯކަން އެއްބަސްވުމުން އެނގޭ ކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިންގާފައިވާ ގޮތަށް ބަލާއިރު ޕޯޗްގަލް ކުންފުނިން، ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޕޯޗްގަލް ކުންފުނިން ދައުވާގައި ހޯދުމަށް އެދިފައިވާ 39،750 ޔޫރޯ އެ ކުންފުންޏަށް ދެއްކުމަށްޓަކައި 2024 ވަނަ އަހަރުގެ މެއި މަހުގެ 14ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސްކުރުމަށް އެ އަހަރުގެ އޭޕްރީލް މަހުގެ 14 ގައު ސިވިލް ކޯޓުން ހުކުމްކުރިއެވެ.

ނަަމަވެސް އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ، އަންނަ އޮގަސްޓްމަހުގެ އެކަކުން ފެށިގެން ކޮންމެ މަހެއްގެ ޕޭމަންޓް އެމަހެއްގެ އެއްވަނަދުވަހު ދައްކަމުންގޮސް 2026 ވަނަ އަހަރުގެ ޖުލައިމަހުގެ އެކެއްގެ ނިޔަލަށް، އެންމެހާފައިސާ ދައްކައި ހަލާސް ކުރުމަށެވެ.