ޖުލައި 21, 2025

ހިޔާލު ހޯދުމުގެ ވޯޓް ނަގަން 4 މަސް ބޭނުންވާނެ: އީސީ

 

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް 4 މަސް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލް އިސްލާހުކޮށް ދިނުމަށް އީސީން އެދިއްޖެ އެވެ.

މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ހާއްސަ ގާނޫނެއް ވުޖޫދު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ގާނޫނަކަށް ތާއީދުކުރާ ކަމަށް ޒާހިދު ވިދާޅުވި އެވެ.

”ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް ކަންކަން ސާފުވެގެން ގާނޫނެއްގައި އޮވެގެން މިފަދަ ވޯޓުތައް ނެގުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ތާއިދުކުރާ ކަމެއް މަރުހަބާ ކިޔާ ކަމެއް،“ ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ނެރުމުގައި ބަލާނީ، ވޯޓްލީ ރައްޔިތުންގެ އަގުލަބިއްޔަތަށްތޯ ނުވަތަ ވޯޓްލުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދަށްތޯ މިހާރު ހުށަހަޅާފައިވާ ބިލުން ސާފުނުވާ ކަމަށެވެ. ސަބަބަކީ އެ ވާހަކަ ލިޔެފައި އޮތީ އެކި ގޮތަށް އަދި އެކި ގޮތަށް މާނަކުރެވޭ ގޮތަށްވުމުން ކަމަށް ޒާހިދު ވިދާޅުވި އެވެ.

އެެހެންވެ އެކަން ސާފުވާ ގޮތަށް އެކަމާ ގުޅޭ މާއްދާތައް އިސްލާހުކުރަން ޒާހިދު ކޮމިޓީގައި އެދިވަޑައިގެންނެވި އެވެ.

”އެހެން ނޫނީ ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގައި ބޮޑެތި ޝައްކުތަކާއި ސުވާލުތައް އުފެދިދާނެ މިހާރު އޮތް ގޮތުން،“ ޒާހިދު ވިދާޅުވި އެވެ މިޓީގައި ޒާހިދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން އީސީގެ މައްޗަށް ލާޒިމްވާ މުއްދަތު ވަރަށް ކުރު ކަމަށެވެ. މިހާރު ބިލުގަައި އޮތީ އެފަދަ ގަރާރެއް ރައީސް ނެރުއްވާތާ ނުވަތަ މަޖިލީހުން ފާސްކުރާތާ 45-90 ދުވަސް (ދޮޅުމަހާއި 3 މަސް) ތެރޭ ވޯޓް ނަގަން ޖެހޭނޭ ގޮތަށްކަން ޒާހިދު ފާހަގަކުރެއްވި އެވެ.

ފެންނަ ނުފެންނަ ވޯޓަކީ އެެހެން އިންތިހާބުތައް ގޮތަށް ދުރާލާ އެނގިގެން ބާއްވާ އިންތިހާބެއް ނޫން ކަމަށްވުމުން ތައްޔާރުވުމަށް އީސީއަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

”މިހާރު އިންތިހާބުތަކުގައި ވެސް އާންމުކޮށް 120 ދުވަސް [4 މަސް] ދީފައި އޮވޭ. އެވަރު މިފަދަ ވޯޓެއް ނަގަން ވެސް ދޭން އަޅުގަނޑުމެންނަށް ފެންނަނީ. 45-120 ދުވަސް އޮތުން ރަނގަޅު،“ ޒާހިދު ވިދާޅުވި އެވެ.

”އެއަށް ވުރެ ކުރު މުއްދަތެއްގައި ވެސް އިންތިހާބެއް ބާއްވަން ބުނެފިއްޔާ މާދަން ވެސް ބާއްވަން ބުނެފިއްޔާ އަޅުުގަނޑުމެން މިތިބީ ތައްޔާރަށް. އެކަމަކު މީގައި ރައްޔިތުން ހޭލުންތެރި ކުރުން، މި އަހާ ސުވާލަށް އެކަމަށް ވަގުތު ބޭނުންވަނީ.“

ޒާހިދު އިތުރަށް ފާހަގަ ކުރެއްވި ކަންކަން:

  • ފެންނަ ނުފެންނަ ވޯޓް ނަގާނޭ މުހިންމު ކަންތައްތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރުމަށް ދޫކޮށް ނުލާ ސީދާ ގާނޫނުގައި ވޯޓް ނެގޭނެ މުހިންމު ކަންކަން ބަޔާންކޮށް ތަފްސީލްކުރުން
  • މަޖިލީހުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ފާސްކުރާ ގަރާރު ފާސްކުރަން ޖެހޭނީ މުޅި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންތޯ ނުވަތަ ހާޒިރުވެ ވޯޓް ދިން މެންބަރުންގެ އަގުލަބިއްޔަތުންކަން ބިލްގައި ސާފުވާން ޖެހޭ
  • އެއް ގަރާރެއްގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައިގައި ވޯޓް ނެގުމަށް ހިމެނިދާނެތޯ ސާފުކުރަން ޖެހޭ
  • ފެންނަ ނުފެންނަ ވޯޓުގެ ކަންކަމުގައި ރައީސްއަށް ލިބިފައިވާ އިހުތިޔާރުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރަން ފެނޭ
  • ވޯޓާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަކީ ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މަޖުބޫރުކުރަން ޖެހޭ
  • ވަކި މުއްދަތެއް ތެރޭ ބަޖެޓް ދިނުން ލާޒިމްވާ ގޮތަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ؛ ކުރު މުއްދަތެއް ތެރޭ އިންތިހާބު ބާއްވާއިރު ބަޖެޓް ލަސްވާ ނަމަ އިންތިޒާމްތައް ލަސްވާނެ
  • ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭ ގަވައިދުތައް ހެދުން ލާޒިމްކުރުން