ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ހަމައެއާއެކު، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.
މި ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ގުޅުންހުރި
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ގައުމީ މަޝްރޫއުއެއްގެ ގޮތުގައި މިއަހަރާއި އަންނަ އަހަރު ވެސް ގައުމީ ދުވަސް
ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން، ދިވެހިންގެ ތަބީއަތަކީވެސް އެއީ: ރައީސް
ނޫސްވެރިކަމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމު މޫސާ ލަތީފަށް
ގައުމީ ދުވަހާއި ގުޅުވައިގެން ”ނިޕޯން ޕެއިންޓް“ގެ ހާއްސަ ޕްރޮމޯޝަނެއް