ވަޒީފާއާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓުތައް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ ފޭކު ސެޓްފިކެޓުތައް ހުށަހެޅުމާއި ބޭނުންކުރުމުގެ ގިނަ މައްސަލަތަކެއް ބަލަމުން ދަނީ، ދިވެހި ފުލުހުންނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔޫ.އޭ) އާއި ކަމާބެހޭ އެހެން މުއައްސަސާތައް ގުޅިގެން ކަމަށެވެ.
މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލޭނެ ފަދަ ކަމެއްކަން ފާހަގަކޮށް، މިކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ސެޓްފިކެޓު ފޯޖުކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށްފައިވާ ކަމަށާއި، މިފަދަ ބައެއް މައްސަލަތައް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
ސައްހަ ނޫން ސެޓްފިކެޓު ހުށަހެޅުން ނުވަތަ ބޭނުންކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެގޮތުން، ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، ޝަހުސު އޮޅުވާލުމަކީ ޖިނާއީ ކުށެއް ކަމަށް ދިވެހި ގާނޫނުގައި ބަޔާންކުރެއެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.




1 Comment
ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!