އޯގަސްޓް 25, 2025

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުން: ކޮންމެ ގޯއްޗަކަށް ގެއެއް، ފައިސާ ވެސް ދެނީ

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުވާއިރު، ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުންނެވެ. އެހެންވެ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ 1 ފެބްރުއަރީ 2025 ގައެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. މިއީ އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމި ފަހުން ރައީސް އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކޮށް، ފެންވަރު ރަނގަޅު ހިދުމަތް ދިނުމާއި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އެގޮތުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަކީ، މި ސަރުކާރުގެ އެފަދަ އެންމެ ފުރަތަމަ މަޝްރޫއު ކަމުގައި ވިދާޅުވި އެވެ

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިުޓުތައް ހަދަން ސަރުކާރުން މިއަދު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ސޮއިކޮށްފަ އެވެ.

ރައީސް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކަށް، ގެއެއް އިމާރަތް ކުރާނެ ކަމަށެވެ. ހިރިމަރަދޫގައި އޮތީ ގާތްގަނޑަކަށް 154 ގޯތި ކަމަށާއި އެހެންކަމުން ހަނިމާދޫގައިވެސް އިމާރަތްކުރާނީ ގާތްގަނޑަކަށް 154 ވަރަކަށް ގެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަދި އެ ގޯތީގައި ގެއެއް އަޅައިދީފަ ގޯއްޗާއާ ގެއާ އެކީގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ. އަދި އޭގެ އިތުރަށް ބަދަލުވުމުގެ ގޮތުން، ބަދަލުގެ ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ތިބޭފުޅުންނަށް ލިބިގެންދާނެ. ދެން ކުރީގައި ގެ ދޭއިރުގައި ނޫނިއްޔާ ބަދަލުގެ ބަދަލު ދޭއިރުގައި ދޭ ފައިސާގެ އަދަދު އަޅުގަނޑުމެން ރިވައިޒް ކުރަނީ، ނޫނިއްޔާމުން މުތޯލިއާ ކުރަމުން މިދަނީ އެއަށްވުރެ ބޮޑުވާނެ.“ ރައިސް ވިދާޅުވި އެވެ.