ސެޕްޓެމްބަރ 1, 2025

އެސްއީޒެޑުގައި ދަނޑުވެރިކަން ކުރުމުގެ އުސޫލަށް ބޮޑު ބަދަލެއް

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ތަރައްގީކުރާ ދެމެހެއްޓެނިވި ޓައުންޝިޕްތަކުގައި ދަނޑުވެރިކަން ކުރުމާ ގުޅޭ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފި އެވެ.

މިދިޔަ ހަފުތާގައި ގެޒެޓުކުރި އާ އުސޫލުގައި ވަނީ ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ތަންތަނުގައި ރާއްޖެއަށް ބޭނުންވާ ދެ ބާވަތެއްގެ އުފެއްދުންތަކުގެ އިމްޕޯޓުގެ 50 ޕަސެންޓު އުފައްދަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކޮށްފި އެވެ.

މި ބަދަލުގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި އޮތީ، އެފަދަ ޓައުންޝިޕެއްގައި ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތަކާއި އެކުއަކަލްޗާ މެދުވެރިކޮށް، އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ކަނޑައަޅާ މަދުވެގެން މުހިންމު ދެ ބާވަތެއްގެ ނުވަތަ އުފެއްދުމެއްގެ ގައުމީ އިމްޕޯޓުގެ 50 ޕަސެންޓު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި ގެޒެޓުކޮށްފައިވާ އާ އުސޫލުގައި، މި 50 ޕަސެންޓުގެ އަމާޒު ބަދަލުކޮށްފައި ވެއެވެ. އާ އުސޫލުގައި އޮތް ގޮތުން، ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި، އިމްޕޯޓްކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަވާ ގޮތަށް، ސަރުކާރާ އެއްބަސްވެވޭ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ބައި ފުރިހަމަވީ ކަމަށް ކަނޑައެޅޭނެ އެވެ.

މި ބަދަލުގެ ސަބަބުން، ދަނޑުވެރިކަމުން ލިބޭ މަންފާ ބޮޑުކުރުމުގެ ފުރުސަތުތައް އިތުރުވެ، ސީދާ ވަކި ކަމެއްގެ ވަކި މިންވަރެއް ހާސިލުނުވިޔަސް، ދަނޑުވެރިކަމުގެ ބައި ފުރިހަމަވީ ކަމަށް ކަނޑައެޅޭނެ އެވެ.