ރ. އިނގުރައިދޫންނާއި ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކުރަން ފަށާފައިވާ އިރު ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އިތުރަށް އޭނާ އަށް އާމްދަނީ ލިބެނީ ވިޔަފާރީގެ ނަފާގެ އިތުރުން ގެދޮރު ކުއްޔަށް ދީގެންނެވެ.
ފަލާހަށް ފާއިތުވި އަހަރު ތެރޭ އާމްދަނީގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ބުނެފި އެވެ.
އެ ހަބަރު މީޑިއާތަކުން ޖެހުމުން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރު އަދި މި އަހަރަށްވުރެ އާމްދަނީ އިތުރުވާނެ ކަމަށެވެ.
”އިންނަމާދޫ އިންގަނެފައި ރަޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރެޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މި ފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،“ ފަލާހު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެ ގޯތިތައް ބައްލަވައިގެން އަގެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެއީ ކިހިނެތް ގަތް ގޯތިތަކެއް ކަމެއްވެސް ވިދާޅެއް ނުވެ އެވެ.



