ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މީޑިއާގެ މިނިވަންކަން ހަނިކުރެވޭނެ ކަމަށް ބެލެވޭ ބިލަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވެދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ، މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަތަކަށް އިޝާރާތް ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ މީޑިއާތައް ހުއްޓުވުމަށްފަހު ރިޔާސީ ދައުރު ދައްމާލުމަށެވެ. މީޑިއާގެ ދައުރު ހަނިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، މިކަމަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ކުރެއްވި ގިނަ ވަޢުދުތައް ފުއްދަވާފައިނުވާ ކަމަށާއި، ހާއްސަކޮށް ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމުގައި ފަސްޖެހިފައިވާ ކަމަށެވެ.
އަދި، މިނެއް ނެތި ދޮގުހައްދަވަމުން ރައީސުލްޖުމްހޫރިއްޔާ އެ އުޅުއްވަނީ ރިޔާސީ ދައުރު ދައްމާލެއްވުމަށް ކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.
އިމްރާން މިކަން ސިފަކުރެއްވީ، ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައެވެ.
މިކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ނޫންގޮތަކަށް މި ގައުމާއި ރައްޔިތުންގެ މުސްތަގުބަލް އަނބުރާ ހޯދައި ނުގަނެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިކަމުގައި ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ހުށަހެޅިފައިވާ ބިލަކީ، ގިނަ ބަޔަކު ދެކޭގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ބުރޫއެރުވާނެ ބިލެކެވެ. މި ބިލާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުންނާއި މީޑިއާގެ ފަރާތްތަކުން ތަފާތު ރައުޔުތައް ދަނީ ފާޅުކުރަމުންނެވެ.

ގުޅުންހުރި
އިމްރާންގެ ބޮޑު ތުހުމަތެއް: ޑރ. އަބްދުލްމަޖީދު ވަނީ ޝަހީދުކޮށްލާފައި
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި
އަދާލަތުގެ ރައީސްގެ މަގާމަށް ޝަހީމަށް ވާދަކުރެވޭނީ ކެބިނެޓުން އިސްތިއުފ ދިނުމަށްފަހު: އިމްރާން
އެއްޗެއް ނުބުނެ ވަރަށް ކެތްކޮށްފިން، ސުޕްރީމް ކޯޓުގައި އަތްލީމާ ހިމޭނަކުން ނުތިބެވޭނެ: