އޮކްޓޯބަރ 15, 2025

ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި ހައްޔަރުކޮށްފި

މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓެ) އަދި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު ހައްޔަރުކޮށްފިކަން އެނގިއްޖެ އެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް ދެ މުވައްޒަފަކު ހިމެނޭ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް މިރޭ ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އާއްޓެ އާއި ދިގަލި މުހައްމަދުގެ އިތުރުން ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.