އޮކްޓޯބަރ 15, 2025

ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ 3 އެޖެންޓަކު އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު އަތުލައިގެންފި އެވެ.

އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯހުން އިއްޔެ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އަތުލައިގެން ބިދޭސީންގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ފަސް މީހަކާއި ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ތިން މީހެއްގެ އިތުރުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދިޔަ ހަތަރު މީހުން ހިމެނެ އެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދަން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބިދޭސީން ވަނީ ހިފަހައްޓައިފަ އެވެ.