އޮކްޓޯބަރ 15, 2025

އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ 4 ވަނަ ކުންފުނި

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކަން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅުން 1150 ހެކްޓަރު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023ގައެވެ. އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކަން ފުރަތަމަ ހަވާލުކުރީ ބިޑް ކުރުމަކާނުލައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. އެއީ ދައުލަތުން ހަރަދުނުކޮށް އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން 50 އަހަރަށް ދޭ ގޮތަށެވެ.

ނަމަވެސް އެކަށީގެންވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާތީ, އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ދެ ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާއި ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏެވެ. އެހެންވެ ރަސްމާލެއަށް ބިން ހިއްކުމުގެ މަސައްކަތް ތިން ކުންފުންޏަކުން ދަނީ ކުރަމުންނެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަހައްޓަމުން ގެންދާ އެޗްޑީސީން ލިބެން ހުރި މައުލޫމާތަށް ބަލާއިރު, ރަސްމާލެއިން ހިއްކަން ހަމަޖެހިފައިވާ ބިމުގެ ތެރެއިން އަދި ހިއްކުރީ 129.6 ހެކްޓަރެވެ. އެއީ 11.3 ޕަސެންޓެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ ހިއްކުމަށް އެމްއޭސީއެލް އިން ޑްރެޖަރެއް ގެންނަން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ, އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫޢުތައް ނިންމުމަށް އެ ކުންފުނިން މިދިޔަ ދެ ތިން މަސް ތެރޭގައި ވަރަށް ގިނަ ތަފުސީލީ މަސައްކަތްތަކެއްކޮށް, ބޭރުގެ އެންމެ ފެންވަރު ރަނގަޅުއަދި އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާއެކު ބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކުންފުނިން މި މަސް ނިމޭއިރަށް 11,000 ޓަނުގެ ވެލި ނެގޭ ޑްރެޖަރެއް ގެންނާނެ ކަމަށާއި އެ ޑްރެޖު ފުރަތަމަ ހިއްކާނީ ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ދެން އަންނާނެ މި އަންނަ މަހުގެ މެދަކާ ހިސާބުގައި, 15 ހިސާބުގައި ނޫނީވިއްޔާ 20, ތިންވަނަ ހަފުތާ ތެރޭގައި 45,000 ޓަނުގެ ޑްރެޖަރެއް. ހޮޕާ ޑްރެޖަރެއް. އެ ޑްރެޖަރު އައިސް އެ ޑްރެޖަރު މަސައްކަތް ފަށާނީ ރަސްމާލޭގައި. ދެން އަންނަ ތިންވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާ ހިސާބުގައި އަންނާނެ. އެވެސް 45,000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު ފުރަތަމަ ދާނީ ހއ. ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކަން. އެއީ ގާތްގަނޑަކަށް ދެ ހަފުތާއެއްގެ ތެރޭގައި ހިއްކައި ނިމޭނެ. އެންމެ ގިނަވެގެން ތިން ހަފުތާ ތެރޭގައި ބިން ހިއްކައި ނިންމާނެ. ނިމޭގޮތަށް އަންނާނީ މި އަތޮޅަށް. މި އަތޮޅަށް އައިސް ފަހަރަކު ރަށެއްގެ ބިން ހިއްކާ ނިންމާފައި ދާނީ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ހުޅުމާލެ 3 ވަނަ ފިޔަވަހި, ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކަން އިތުރު ކުންފުންޏަކާއެކު އެމްއޭސީއެލް އިން އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިންވެސް މި މަސް ނިމޭ ހިސާބުގައި ޑްރެޖަރެއް ގެނެސް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.