މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ ހ. ނިއުހެޕިނަސް، މުއާޒު އަލީ، މިފްކޯގެ ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. އެ މައްސަލަ ފަޅާއަރައިގެން ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށް، އެކަން ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
އަދި ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން އިތުރަށް ބުނީ ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށެވެ.
ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގައި މުއާޒު ހައްޔަރުކުރި އިރު، މޯލްޑިވްސް ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލައެއް, ކުންފުންޏަކަށް ފައިދާވާ ގޮތަށް ނިންމުމުގެ މުގާބިލުގައި ރިޝްވަތަށް އެދުނު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ.
މުއާޒަށް ދައުވާކުރަން ފޮނުވީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު, އޭގެ ތެރެއިން 430 ކޭސް ސިނގިރޭޓް ކޭސް ރީ އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ދޫކުރި ނަމަވެސް އެ ކޭސްތައް ރީ އެކްސްޕޯޓްކޮށްފައިނުވާތީ ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީން ބުނީ, އެ މައްސަލަ އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.




1 Comment
ގުޅުންހުރި
ފުލުހުންގެ ބެލުމުގެ ދަށުން ތަކެތި ގެއްލިގެން ނުވާނެ: ފުލުހުން
ފުލުހުންގެ ތެރޭގައި ސިނގިރޭޓު ވައްކަންތަކެއް، ޖިނާއީ ތަހުގީގު ފަށައިފި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
ސިނގިރޭޓު ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި، ދިގަލި ވަހީދު ޝަރީއަތް
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!