ނަމާދަށް ރައްކާތެރިނުވާ މީހަކު ގިޔާމަތް ދުވަހު ވާހުށީ، ގާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔު ބުނު ހަލަފާއެކުގައި ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ނަމާދަށް ފަރުވާތެރިވުން“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, الله سُبْحَانَهُ وَتَعَالَى އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟު ކުރެއްވި އަޅުކަމަކީ ނަމާދު ކަމަށެވެ. އެއީ ބާލިގުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަގީރަކަސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ގާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުސެއް ކަމަށްވެސް ބުންޏެވެ.
ޝަރުޢީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުން އަދި އެއީ ދީނުގެ ތަނބު ކަމަށާއި ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ ކަމަށެވެ. އެގޮތުން ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތެއް ކަމަށާއި އެ ދެމެދު ވަކިކުރާ އިމެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ އުންމަތަށް ކުރެއްވި އެންމެފަހު ވަސިއްޔަތްޕުޅު ކަމަށެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު މީސްތަކުން ނަމާދުކޮށްފިތޯ ހަދީޡް ކުރައްވާ ކަމަށާއި އެއަށްފަހު ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށޭ ވިދާޅުވާ ކަމަށް ބުންޏެވެ.
އަދި ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭ ކަމަށާއި އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ ”ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ!“ މި ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތް ދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތެރިނުވާ މިހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި ދިންނެވުމެއް ކަމުގައްޔާއި އަދި ބުރުހާނެއްކަމުގައެއް ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ، ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔު ބުނު ޚަލަފާ އެކުގައެވެ.“
ހުތުބާގައި ބުނީ, الله سُبْحَانَهُ وَتَعَالَىގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށާއި ނަމާދަކީ ކީރިތި ގުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަމުގެ އިތުރުން ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި
ރައީސް މިފަހަރު ލ. އަތޮޅަށް: 3 ދުވަސް ތެރޭ 11 ރަށަށް
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް
ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް
ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި
70 ރަބަރު ޕެކެޓާއި 1.2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި