އޮކްޓޯބަރ 18, 2025

1.9 މިލިއަންގެ ވަގު ޓީޓީ މައްސަލަ: 38 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ޝިފާއުއާއެކު ދައުލަތުން އެއްބަސްވުމެއް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ކަމަށް ތުހުމަތުކުރާ މއ. ހަނީސްކްލް-1/ ހުސެއިން ޝިފާއު, ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ދައުލަތުން އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާކަން ހާމަވެއްޖެ އެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ޝިފާއު ހައްޔަރުކުރީ 28 މާޗު 2023ގައެވެ. ނަމަވެސް އެއް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު, ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލައިފަ އެވެ. އެހެންވެ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

ފަހުން އޭނާ ރާއްޖެ އައުމުން ވަނީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. ޕާސްޕޯޓް ދޫކޮށްލަން ޝިފާއު އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމުރެއް ނުދިނެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ވަނީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެއް އުފުލައިފަ އެވެ. އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ. އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123,844.54 މިލިއަން ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރަ އެވެ.

މި މައްސަލައިގައި ޝިފާއު އާއި ދައުލަތާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވަނީ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެން ކައިރިވެ، ހުލާސާ ބަޔާން އިއްވައި ހިސާބަށް ގޮސްފައި ވަނިކޮށެވެ.

އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ދައުލަތުން ޝިފާއުގެ މައްޗަށް ކޮށްފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް އަނބުރާ ގެންދާނެ އެވެ. އޭގެ ތެރޭގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދިކަމުގެ ކުށުގައި ކުރާ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާތައް ހިމެނެ އެވެ.

އެ ދައުވާތައް ގެންދިއުމުން ޝިފާއުގެ މައްޗަށް ކުރާ ގޮތަށް އެއްބަސްވުމުގައި އޮތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާތައް އެކަންޏެވެ. އަދި އެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއުއަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184,600 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ޝިފާއު ބަންދުގައި 88 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، އެ ހުކުމާއެކު ޝިފާއު މިނިވަންވާނެ އެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭނެ އަދަބީ 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބު އެކަންޏެވެ.

އެ އިއުތިރާފުގެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އެއްބަސްވުމަކީ މި މައްސަލައާ ގުޅިގެން ދައުވާކުރާ ކުށްތަކާއި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށްގެން ހަދައިފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގެ ގެއްލުންވި ފަރާތްތަކަށް ޝިފާއުގެ ފަރާތުން ބަދަލުދިނުމަށް ހަމަޖެހިފައިވާކަންވެސް ނޭނގޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެހެންވެ ގާޒީ ނިންމެވީ ދައުލަތާއި ޝިފާއުއާ ދެމެދު ހަދައިފައިވާ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމުގެ ބަދަލުގައި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށެވެ.

ޝިފާއުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ގިނަ ދައުވާތަކެއް ކުރާއިރު އޭނާ ”ނަލަހިޔާ ރެސިޑެންސް 3 އޭ“ ކުލި ނުދައްކާތީ ސިވިލް ކޯޓުން ވަނީ ކުލީގެ ގޮތުގައި 206،237 ރުފިޔާ ދެއްކުމަށް ޝިފާއުގެ މައްޗަށް 29 ޖޫން 2024 ގައި ހުކުމްކޮށްފަ އެވެ.

ޝިފާއުއަށް މި ސަރުކާރުން ސިޔާސީ މަގާމެއްވެސް ދިނެވެ. އެގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުއްޓައި، މީޑިއާއިން އޭނާއާ ގުޅޭ ވާހަކަ ފެންމަތިކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.