މި ސަރުކާރުގެ ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެދާނެ ކަމަށް އަތްޖަހަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ވާދަވެރިން ތިބީ އެ ވިސްނުންތަކުގައި ކަމަށެވެ.
ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވަދާނެ ކަމަށް ބަލައި އަތްޖަހަން ތައްޔާރަށް ކަމަށާއި ޕީއެންސީގެ ވެރިކަން ވެއްޓިދާނެ ކަމަށް ބަލައި އެމީހުން ތިބީ ވެރިކަމަށް ފޫގަޅައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ އެކަންކަން ހާސިލުނުވީ ރައީސް މުއިއްޒު ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގެންނެވުމުން ކަމަށާއި މިހާރު ވެރިކަމަށް ދެ އަހަރުވާންދާއިރު، ތަރައްގީގެ އެތައް މަޝްރޫއެއް ފެށިގެން ގޮސްފައިވާ ކަމަށެވެ.
ރަށްރަށުގައި ފެށިގެންދާ އެ މަޝްރޫއުތަކާއެކު ރައީސް މުއިއްޒު ވައުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި މި ވެރިކަން ވެގެންދާނީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި