ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމައި މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލިސް ގަވައިދު ބުނާގޮތުން ތިންވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނީ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެންނެވެ. ނަމަވެސް މުހިންމު ބައެެއް މަސައްކަތްތައް ހުރުމުން މަޖިލީހުގެ ތިންވަނަ ދައުރު މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ދަންމާލަން މަޖިލީހުން ފާސްކުރި އެވެ.
ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވަމުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 20 ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ ގެންގުޅެމުން އަންނަ އުސޫލަކީ، ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެެއް އޮވެއްޖެނަމަ، އެ ކަމެއް ނިންމުމަށްފަހު ޗުއްޓީއަށް ދިއުމުގެ އުސޫލު ކަމަށެވެ
އެގޮތުން މާދަމާގެ ނިޔަލަށް ދައުރު ދަންމާލި ނަމަވެސް، މިއަދާ ހަމައަށް އައިއިރު ދައުރު ދަންމާލި މުހިންމު ބިލުތަކުގެ މަސައްކަތް ނިމިފައިވާތީ މިއަދުން ފެށިގެން ޗުއްޓީއަށް ދާން ނިންމެވީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ މި ދައުރުގައި 28 ޖަލްސާއެއް އަދި ކޮމިޓީތަކުގެ 42 ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އޭގެ އިތުރުން15 ބިލެއްގެ މަސައްކަތް ނިންމައި، މަޖިލިސް ތަޅުމުގައި ވަޒީރުންނާ 29 ސުވާލު ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށޭނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.



