އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަށާއި، ތެލަސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންނަށް 1000 ރުފިޔާގެ އެލަވަންސް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް، ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިއުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރަންޓް އެލަވަންސް ދޭ އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭގޮތަށް ބޮޑުވެގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އެލަވަންސް ލިބެންޖެހޭ 5878 މީހުން މިހާރު އެބަތިބި ކަމަށާއި އޭގެ އިތުރަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް ތަލަސީމިއާ ކުދިންނަށް 1000 ރުފިޔާ ދިނުން ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިންގަލް ޕޭރަންޓް އެލަވަންސަށް 211 މިލިއަން ރުފިޔާ އަދި އަލަށް ފަށާ ތެލަސީމިއާ އެލަވަންސަށް ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



